މަޝްރޫއު އަތުލި ނަމަވެސް ރައްޔިތުންގެ ތަރައްގީއަކާއި ގުޅިފައިވާ ކަމަކަށް ވުމުން، ވެރިރަށް މާލޭގެ އަމީނީ މަގު ހެދުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.

Ads by Asuru

މާލެ ސިޓީގެ އަމީނީ މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދުއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އަމީނީ މަގުގެ ދަރުބާރުގެ ހުންނަ ސަރަހައްދުގައެވެ.

މާލެ ސިޓީ ކައުންސިލް އަތުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލާ ޕްލޭނިންގް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިއަހަރުއެވެ.

ނަމަވެސް ނިމިދިޔަ ކައުންސިލާއި އާރްޑީސީ އާއި ދެމެދު މަގު ހެދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

އަދި އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސް 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ އަލުން އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާއި އެކު ސޮއިކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލުކޮށްގެން އަމީނީ މަގު ހެދުމަަށް ނިންމާފައިވަނީ 39 މިލިއަން ރުފިޔާ އަށެވެ.

އެހެންނަމަވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ އެ މަޝްރޫއު މާލެ ސިޓީ ކައުންސިލްގެ އަތުން ނަގައި 84 މިލިއަން ރުފިޔާއަށް އަލުން އާރްޑީސީ އާއި ހަވާލު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.