ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ލޭނު އެޅުމާ ދެކޮޅަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރެކެވެ.

އަދި އެ މައްސަލަ ބަލައިނުގަތުމަށް 47 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވަނީ އެންމެ މެންބަރަކެވެ.

މައްސަލަ ހުށަހަޅުއްވަމުން މަޓޭ ވަނީ ފިޝަރީޒް މިނިސްޓްރީން ލޭނު އެޅުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަވައި، ވަޒީރުންގެ މަޖިލީހުގެ ނިންމުން ބަދަލުކުރުމަށް ގޮވާލައްވައިފައެވެ.

މަޓޭ ވިދާޅުވީ ފާއިތުވެދިޔަ ސަރުކާރު ތަކުގައި އެކި ފަހަރުގެ މަތިން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމި ކަމަށެވެ.

އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އެ ނިންމުން ތަންފީޒުކޮށްފައި ނުވަނީ މައިގަނޑު ސަބަބުތަކެެއް ހުރެގެން ކަން އޭނާ ފާހަގަކުރެއްވިއެވެ.

މަޓޭ ވިދާޅުވީ ކަނޑުގެދިރުން ތަކާއި ހަލާކުވެ ދިއުމަށް މަގުފަހިވާތީއާއި މަސްވެރިކަމުގެ އަމާޒަކަށް ވެފައި ނުވާ އެތައް ދިރުން ތަކެއްވެސް ލޭނު މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެ މަސްވެރިކަމުގެ ސިނާއަތަށް ތަފާތު ގޮތް ގޮތުން ގެއްލުމާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ލޭނު އެޅުމުގެ ހުއްދަ ދީފިނަމަ ކުރިމަތިވެދާނެ ގެއްލުން ތަކާއި ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން މަސްވެރިންނާއި ފަތުވެރިކަމާ ގުޅޭ ސިނާއަތާ ފަރާތްތަކާއި އަދި ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން ވަކާލާތު ކުރާ ފަރާތްތަކުން ވެސް ކަންބޮޑުވުންތައް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުން ތަންފީޒުކޮށްފިނަމަ އޭގެ ސަބަބުން ނިކުމެދާނެ ނޭދެވޭ ނަތީޖާއަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ.

މަޓޭ ވިދާޅުވީ ބޮޑުކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުޅުވާލުމާއެކު އެކަމަށް ކުރުމުގެ ހުއްދައާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންނަށް ކަމަށެވެ.