ދިވެހި މުޖުތަމަޢުގެ ކޮންމެ ކަމެއްގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ދެއްވައިފިއެވެ.
އެކަމަނާ މި ޔަގީންކަން ދެއްވީ ”މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެންސް އެޑިޝަން 2024“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމުގައި ފާހަގަކުރައްވާފައެވެ.
އަދި އެކަމަނާ ވިދާޅުވީ އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ.
އެގޮތުން ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އަދި ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އަދި އެއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ ހުރަހެއްކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ ހަނދާނީ ލިޔުމެއް އަރުވާފައެވެ.

