މާލޭގައި ވަރަށް މުޑުދާރުކޮށް، ދުފަން ބޭނުންކުރާ ފޯއް ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތާ ގުޅިގެން އިއްޔެ ހިންގި ރެއިޑެއްގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެއީ ފޯއް ތައްޔާރުކޮށް، އޭގެ ވިޔަފާރިކުރި ތަނެއްކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެތަނުގެ ބައެއް ފޮޓޯތައް އިމިގްރޭޝަނުން އެކްސްގައި ހިއްސާ ކުރިއެވެ.

އެ ފޮޓޯތަކުން ވަނީ އެއްވެސް ސާފުތާހިރު ކަމެއް ނެތް ތަނެއްގައި، ފޯއްތައް މުޅިތަނަށް އަޅައި، ވިއްކަން ތައްޔާރު ކުރަން އުޅޭ މަންޒަރެވެ. އެ ތަނުގެ ފާހާނާ ވެސް ވަރަށް ބޮޑަށް މުޑުދާރެވެ.

އެ އިދާރާ އިން ބުނީ އެ ތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށްވުމުން ކަމާ ބެހޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަރަށް ފަހުން ވެސް ވަނީ، ސާފުތާހިރުކަން ނެތި، ކިއްލިއާއި ފޯއް ފަދަ ތަކެތި ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފައެވެ.