އެކި ދާއިރާތަކުން، ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

Ads by Asuru

މި މަޝްވަރާތައް ކުރައްވާފައިވަނީ އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލެންސީ ދޭވީ ގުސްތީނާ ޓޯބިންގ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު މަޝްވަރާ ބައްދަލުވުންތައް ބާއްވަވައި އިތުރު ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދެ ގައުމުގެ މީހުންގެ މެދުގައާއި ދެ ގައުމުގެ ދެމެދު ވިޔަފާރި ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ސިއްހީ ދާއިރާ، މަތީ ތައުލީމުގެ ދާއިރާ، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ނައިބު ރައީސްއާއި ސަފީރު ވަނީ ވިސާގެ ކަންކަމަށް ލުޔެއް ގެނައުމަށް ދާދިފަހުން ދެގައުމުގެ ދެމެދު އެކުލަވާލެވުނު  އެއްބަސްވުމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

އަދި މިހާރު ކުރިޔަށް ހުރި އެއްބަސްވުންތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާފައެވެ.