ބުޅާ މަހުން ކާބޯތަކެތި ހަދައި، ވިއްކަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހާ އަތުލައިގަނެފިއެވެ.

ބުޅާ ހިފައި، އޭގެ މަހުން ކާބޯތަކެތި ހަދާ ކަމަށް ތުހުމަތު ކުރެވިގެން އިމިގްރޭޝަނުން ހޯދަމުން ދިޔައީ، އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހުސައިންއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، އެ މީހާ ހޯދީ ފުލުހުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އޭނާ ހޯދީ ސެލޫންއެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

”އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިއުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ ގެ އެހީތެރިކަމާއެކު މި ބިދޭސީ ފަރާތް ހޯދައި އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި.“ އަރަފާތު އަތުލައިގަނެ، ނަގާފައިވާ ފޮޓޯ އާއްމުކޮށް ފުލުހުން ބުންޏެވެ.

ފީލައިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުން ބުނީ އަރާފާތު  އުޅެމުން ދިޔައީ ގ. ރަނައުރާގެ އާގޭގައި ކަމަށެވެ.

”މީނާއަކީ ބުޅާ މަރައި، ކައްކާ އެ ތަކެތިން ކާތަކެތި ތައްޔާރުކުރާ މީހެއް“ އެ އެންޖީއޯއިން ބުންޏެވެ.

އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނީ، އެ މީހާ ދިރިއުޅޭ ގެކައިރިން ބުޅަލުގެ ބައިތައް ފެނިފައިވާ ކަމަށެވެ. އޭނާ އަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.