ރާއްޖޭގެ އުތުރަށް ރޭ ކުރި ވިއްސާރައިގައި ހަތަރު ރަށެއްގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނިގޮތުގައި ގެއްލުން ލިބިފައިވަނީ ހއ. ހޯރަފުއްޓާއި ކުޅުދުއްފުށި ސިޓީއާއި ށ. ފީވަށް އަދި ށ. ނޫމަރާ ގެތަކަށެވެ.

އެ އޮތޯރިޓީން ބުނީ ހއ. ހޯރަފުށީ 2 ގެއަކަށާއި، ހދ ކުޅުދުއްފުށީގެ 57 ގެއެއްގެ އަދި ށ. ފީވަކުގެ 5 ގެއެއްގެ އިތުރުން ށ. ނޫމަރާގެ 5 ފެންވަދެގެން ގެއްލުން ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ކުށުދުއްފުށީ ސިޓީގެ ތިން ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ށ އަތޮޅަށް ރޭ 8:30 އިން 10:30 އަށް އޮރެންޖް އެލާޓްވެސް ނެރުނެވެ.

އަދި މިއަދު ހެނދުނު ހަތެއް ޖެހުމުގެ ނިޔަލަށް އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.