މަގުމަތިން ބުޅާ ހިފައި، އެ މަރައި، އެއިން ތައްޔާރުކުރި ކާބޯތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ފޭކު ޕޯސްޓުތަކެއް ދައުރު ކުރަމުން އެބަދެއެވެ.

ދައުރު ކުރަމުން ދަނީ އިމިގްރޭޝަންގެ އޮފިޝަލް އެކައުންޓުތަކުން ކޮށްފައިވާ ޕޯސްޓުތަކެއް ގޮތަށް ތައްޔާރުކޮށްފައިވާ ސްކްރީންޝޮޓްތަކެކެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވަނީ އެ ސްކްރީންޝޮޓް ހިއްސާކުރައްވާ އެއީ އިމިގްރޭޝަންގެ ނަމުގައި ދައުރުކުރަމުންދާ ފޭކު ޕޯސްޓެއް ކަމަށް ވިދާޅުވެފައެވެ.

އެ ޕޯސްޓުގައި ވަނީ ބަންގްލަދޭޝްގެ އަރަފާތު ހޮސައިން ކިޔާ މީހަކު ބުޅާ މަރައި، އޭގެ މަހުން ކައްކައިފައިވާ ކާތަކެތި ވިއްކާ ފިހާރަތަކުގެ ވަނަވަރު ހާމަކޮށްފައެވެ. އެގޮތުން، 20 ފިހާރައެއްގެ ނަން ވަނީ އޭގައި ލިޔެފައެވެ.

ބުޅާ މަހުން ތައްޔާރުކުރި ކާތަކެތި ފިހާރަތަކުގައި ވިއްކާ މައްސަލާގައި އާންމުން ވަނީ ވަރަށް ބޮޑަށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.