އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކިންޑަރ ޕްރީސްކޫލްގެ ބެލެނިވެރިންނަށް ސްކްރީން ޓައިމްއާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ނަގައިދީފިއެވެ.
މި ސެޝަން ނަގައިދީފައިވަނީ އެ ސުކޫލުގެ އެދުމުގެ މަތިން 20 އޮގަސްޓް 2024 ވީ އަންގާރަ ދުވަހުގެ 20:30 ގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމް އަދި ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ތަސްލީމް އަބްދުލް ރަހީމްއެވެ.
މި ސެޝަނުގައި ވަނީ ސްކްރީންޓައިމް އިތުރުވުމުގެ ސަބަބުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި، ސްކްރީންޓައިމް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ސްކްރީންޓައިމް ދިނުމުގައި ސަމާލުކަން ދޭންވީ ކަންކަމަށް އަލިއަޅުވާލާފައެވެ.

ސްކްރީން ޓައިމް އިތުރުވެގެން ދިއުމަކީ ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަމަށާއި، އަދި އެއީ ކުއްޖާ ހެދިބޮޑުވުމާއި ސިކުނޑި ތަރައްޤީވުމާއި، ކަންކަމުގައި ކުދިން ވިސްނާ މިންވަރު މަދުވުންފަދަ މައްސަލަތަކާއި ކުރިމަތިވާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ގެންދަނީ ކުދިންގެ ހެދިބޮޑުވުމާއި ގުޅުންހުރި ތަފާތު މަޢުލޫތަކަށް ބެލެނިވެރިންނާއި މުޖުތަމައު ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

