ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ހުރި މިންވަރަށްވުރެ މިމަހުގެ ނިޔަލަށް އިތުރުވާނެކަމަށާއި، ރިޒާވް ހުސްވެފައިވާކަމަށްބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިހެން ބުނީ، ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވެފައިވާ ކަމަށް ބުނެ ”އަދަދު“ ނޫހުން ޝާއިއު ކުރި ޚަބަރާ ގުޅިގެންނެވެ.

މިދިޔަ ޖުލައި މަހު ބޭނުންކުރެވޭ ރިޒާވް ހުރި އަދަދަކީ 45 މިލިއަން ޑޮލަރެވެ. މި އަދަދު ހިސާބު ކުރުމުގައި އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުހިމެނޭކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން މިރޭ ބުނީ އެސްޑީއެފަށް ޖަމާކުރެވޭ ބޭރު ފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.

ރިޒާވްއާ ބެހޭ ގޮތުން މީޑިއާގައި ދައުރުވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށާއި އެއީ ހަގީގަތާ ޚިލާފު މައުލޫމާތުތަކެއް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދަނީ މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުންކަމަށެވެ.

ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެމްއެމްއޭން ބުންޏެވެ.

”އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ މި އޮތޯރިޓީން ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަމެވެ.“ އެމްއެމްއޭ އިން ބުންޏެވެ.

ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ދޮގު ކުރައްވައިފައެވެ.