ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝަމީމް މަގާމުން އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކި ކުރަން މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ.
އެ ޖަލްސާ ފެށީ މިރޭ 9:00 ގައެވެ.
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުގެ 65 މެންބަރަކު ވޯޓް ދެއްވިއެވެ. އޭނާ މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 9 މެންބަރުންނެވެ.
ޝަމީމްގެ އިސްތިއުފާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓްގައި އިއުލާން ކުރީ މަގާމުން ދުކުރުމަށް މިރޭ ރައްޔިތުންގެ މަޖިލިސް ޖަލްސާ ފެށިފަހުންނެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕީޖީ ހުސެއިން ޝަމީމު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުމާ ގުޅިގެން ގާނޫނުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަހްމޫދް ސަލީމް ކަމަށްވެސް ވިދާޅުވިއެވެ.
ޝަމީމް ވަކިކުރަން ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ޝާހިދު ހުށަހެޅުއްވި ސިޓީގައިވާ ގޮތުން ޕީޖީ ޝަމީމް ގާނޫނުއަސާސީއާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާތީ ޝަމީމަކީ ޕީޖީގެ މަގާމުގައި ހުރުމަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ.
އެ ސިޓީގައިވާ ގޮތުން ގާނޫނުއަސާސީއާ ހިލާފަށް ޝަމީމް ވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ފަހަރު މަތިން ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ތުހުމަތު ލިބިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގެ ހެކިން ހާޒިރު ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އެ މައްސަލައިގައި ހެކިންގެ އެއްބާރުލުން ނުލިބުނު ކަމަށް ބުނެ އެ މައްސަލަ ފައިލްކޮށްލާފައިވަނީ ޕީޖީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.
ޝަމީމް ވަކިކުރުމާއެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ. ނަމަވެސް މަޖިލިސް މިރެއިން ފެށިގެން ޗުއްޓީއަށް ދާތީ އާ ޕީޖީއަކު އައްޔަންކުރަން ޖަލްސާ ބާއްވާނީ ދައުރުން ބޭރުންނެވެ.
އެއީ ރައީސް ހުށަހަޅުއްވާ ނަންތައް ދިރާސާކުރުމަށާއި ގޮތެއް ނިންމުމަށެވެ.
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
އެ މައްސަލަ ދިރާސާކުރީ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީއަށް މިއަދު ޝަމީމް ހާޒިރުކުރިއެވެ. އެކަމަކު، ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ހުށަހެޅުއްވުމަށް އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

