މާލޭގައި ހިންގަމުން އަންނަ މަޝްހޫރު ބިއުޓީ ސެލޫނެއް ކަމަށްވާ ރިޓްޒް ބިއުޓީ ސެލޫންގެ ވެރިޔާކަމަށް ފާހަގަކުރެވިފައިވާ ރަޖަނީ ޝްރެސްތާ ރާއްޖެއިން ޑީޕޯޓްކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން އެ ތަން ބަލައި ފާސްކޮށްފައިވާކަމަށެވެ.
އެ ސެލޫން ބަލައި ފާސްކޮށްފައިވަނީ، މިހިނގާ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ރަޖަނީ ޝްރެސްތާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ހިދުމަތް ދެމުން އަންނަ ފަރާތެއް ކަމަށެވެ.
ޝްރެސްތާއަކީ އޭނާއަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި މީހެއްކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ނޭޕާލަށް ނިސްބަތްވާ ރަޖަނީ ވަނީ 2020 ވަނަ އަހަރު އިސްލާމްވެސް ވެފައެވެ.
