ރާއްޖޭގައި ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މެސެޖެއް ދެއްވައިފިއެވެ.
އެމަނިކުފާނު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަަމަށެވެ. އަދި އެއީ ދުނިޔޭގެ އާދަ ކަމަށެވެ.
އެ ލިބުނު ވަގުތަށް އިހްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާ ރަނގަޅު ކަމަށާއި އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނައިބު ރައީސް މިއަދު ވިދާޅުވީ މި މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންނަށް ރައްދުކޮށް އެމަނިކުފާނު ދެއްވި މެސެޖެއް ކަމަށެވެ.
”ދައުލަތުގެ ވެރިންނާއި، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން، އެ މުއްދަތު ހަމަވުމުން އެކަމަށް އިހްތިރާމް ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުން ކަމުގައި ގަބޫލުކުރަން،“. އެމަނިކުފާނުގެ ޕޯސްޓްގައި ވެއެވެ.

