ޑޮލަރުގެ ތާށިކަން ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާ ކުރަން ޖެހުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ، ބީއެމްއެލް އިން ދޫކޮށްފައިވާ ރުފިޔާ އެކައުންޓްތަކުގެ ކާޑުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތް ހެދުމާ ގުޅިގެންނެވެ.

ބީއެމްއެލް އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް މިއަދު އެ ބޭންކުން ބަދަލު ގެނެސްފި ކަމަށާއި މިއީ ވަގުތީ ގޮތުން ގެނައި ބަދަލެއް ކަަމަށެވެ.

މި ގެނެވުނު ބަދަލުތަކަށް މިއަދުން ފެށިގެން އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅިގެން އަޒާން ވިދާޅުވީ އޯގަސްޓު އަދި ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ ދެ މަސް ކަމަށެވެ.

”ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ މިއީ. ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު, އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށް.“ އަޒާން ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީވެސް ބޭންކުތަކުން ކަމަށް އަޒާން ވިދާޅުވިއެވެ.

ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު މިހާރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ.“ އޭނާ ވިދާޅުވިއެވެ.

އަދި މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެވޭ ކަމަށް ވެސް އަޒާން ވަނީ ވިދާޅުވެފައެވެ.