މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހަށް އެކަނި މިފްކޯއިން ހިލޭ ގިނަ އަދަދެއްގެ ދޯނިތަކަށް އައިސް ދޫކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ، މިފްކޯގެ ސައިޓްތަކުން ބުދަ ދުވަހު މަސްވެރީންނަށް ހިލޭ އައިސް ދޫކުރެވުނު ތަފްސީލް ބެލިބެލުމުން އެނގުނީ މަސްވެރިކަމަށް އޮންނަ ތަރުހީބެވެ.

އެގޮތުން މިފްކޯއިން އަދާހަމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބުދަ ދުވަހު 24 މަސް ދޯންޏަކަށް ޖުމްލަ 68 ޓަނު އައިސް ވަނީ ދޫކޮށްފައެވެ.

އެގޮތުން ގދ.ތިނަދޫ އައިސް ޕްލާންޓުން 5 ދޯންޏަކަށް 15 ޓަނު އައިސް އެކުންފުނިން ދޫކޮށްފައިވެއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) އިން 4 ދޯންޏަކަށް 8 ޓަނު އައިސް ދޫކޮށްފައިވާއިރު، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) އިން 15 ދޯންޏަކަށް 45 ޓަނު އައިސް ދޫކުރިއެވެ.

އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އިން އެއްވެސް ދޯންޏަކަށް އައިސް އަޅާފައެއް ނުވެއެވެ.

މިފްކޯއިން އުފައްދާ އައިސް ޓަނެއްގެ ހަރަދަށް އެވްރެޖުކޮށް 1300 އާއި 1400 ރުފިޔާ ހޭދަވާއިރު އައިސް ޓަނެއް މިވަގުތު ވިއްކަމުންދަނީ 750 ރުފިޔާއަށެވެ.

މިފްކޯއިން ފާހަގަކުރިގޮތުގައި މެދު ރާއްޖެތެރޭގެ މަސް ދޯނިފަހަރުތަކުގެ މެދުގައި އައިސް އަށް އޮންނަ ޑިމާންޑު ބޮޑުވެފަ ދެކުނުގެ ގިނަ މަސް ދޯނިފަހަރުން އައިސް ނާޅަނީ، އެ ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކޮށްފައި ހުރުމުގެ ސަބަބުންނެވެ.

އަދި އެއީ އިތުބާރު ހިފޭ ސިސްޓަމަކަށް ވެފައި، ގިނަ ދޯނިތަކުގެ އަމާޒު މިހާރު ހިފާފައި ހުރީ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށެވެ.

އަދި އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީއިން ލޯނު އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، މުސްތަގުބަލުގައި އައިސް އަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނިގޮތުގައި އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ މަސް ދޯނިފަހަރުތަކަށް އެކުންފުނީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަން ނިންމާފައެވެ.