ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން މެދުކަނޑައިލުމަށް އެ ބޭންކްގެ ބޯޑުން ނިންމި ނިންމުން މުރާޖައާ ކުރުމަށް ބޯޑު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ 13:30 ގައެވެ.

ގައުމީ ބޭންކުން މިއަދު ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ޑޮލަރުން ކުރެވޭ މުއާމަލާތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ބީއެމްްއެލުން ގެނައި މި ބަދަލާ ގުޅިގެން މިހާރު ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް އެއްވެސް ތަނަކަށް ފައިސާއެއް ނުދެއްކޭނެއެވެ.

ހަމަ އެހެންމެ ރާއްޖެއިން ބޭރުގެ އެއްވެސް ޕީއޯއެސް އަދި އޭޓީއެމަކުންވެސް ފައިސާ ނެގުމުގެ ހިދުމަތެއް ނުލިބޭނެއެވެ.

ޑޮލަރުގެ މުއާމަލާތްތައް މެދުކަނޑައިލުމުން، އާއްމުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލިއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ، މި ނިންމުން ނިންމަން ޖެހުނީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާއި ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.