ގައުމު ސަލާމަތް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ކުރައްވަން ޖެހިވަޑައިގަތްފައި ވަނީ، އުނދަގޫ މަސައްކަތެއް ކަމަށާއި، އެމަނިކުފާނު އެކަން ކުރައްވަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ރުފިޔާ އެކައުންޓްތަކުގެ ކާޑުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭގޮތަށް ހެދުމަށްފަހު، އަލުން އެކަން ކުރެވޭ ގޮތަށް ހެދުމަށް ބޭންކުގެ ބޯޑުން މިއަދު ވަނީ ނިންމައިފައެވެ.
މި ނިންމުން ބޭންކުން ނިންމަން ޖެހުނީ ޑޮލަރު ނުލިބި، އޯގަސްޓުމަހާއި ސެޕްޓެމްބަރު މަހު ޑޮލަރުން ދައްކަން ޖެހޭ ދަރަނި އިންތިހާއަށް އިތުރުވުމުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނިހާދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން ބިކަކޮށް، ދައުލަތް ބަނގުރޫޓު ކޮށްލައިގެން ވިޔަސް، ވެރިކަން ވައްޓާލުމަކީ ސިޔާސަތެއް ކަމަށް ދެކި، ދޮގާއި ފިތުނަ ފަތުރައިގެން އެ މަގަށް މަސައްކަތް ކުރާނީ ހެޔޮ ސިޔާސަތެއް ނެތުމުން ކަމަށެވެ.
”ގައުމު ސަލާމަތް ކުރުމަށް ރައީީސް މުއިއްޒު ކުރައްވަން ޖެހިފައި އޮތީ އުނދަގޫ މަސައްކަތެއް. ކުރާނެ!“ ނިހާދު ވިދާޅުވިއެވެ.

