ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭސް ޑޮކްޓަރ މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރީންގެ މި ބައްދަލުވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުން ގެންނަވާނެ މުހިންމު ބަދަލުތަކާމެދު މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެމަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ހިމެނޭކަމަށާ ޕެންޝަނާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި އިންކަމް ޓެކްސް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި މީރާގެ ތެރެއިން ގެންނަ އިސްލާހީ ބަދަލުތައް ހިމެނޭކަން ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިގޮތުން ސަރުކާރުން މިހާރުން މިހާރަށް ގެންނަވަން ވިސްނަވާ ބަދަލުތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާއިރު ޑޮލަރުން ދައްކާގޮތަށް ހަމަޖެއްސުމާއި ޑޮލަރުން މުސާރަދޭ ފަރާތްތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަންޖެހޭ ފައިސާގެ ގޮތަށް ހަމަޖެއްސުމާ އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން، ކަސްޓަމްސް ޑިއުޓީ ދައްކާއިރުވެސް ޑޮލަރުން އެފައިސާ ދައްކަންޖެހޭގޮތަށް ހަމަޖެއްސުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭކަން އެޓާނީ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އެކަންކަމުގެ ތަފްސީލުތައް ކުރިޔަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ލިބިގެންދާނެކަމުގައި އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލު ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާކަންކަމަށް ގެނެވެންހުރި ހައްލުތަކާމެދު މަރުކަޒީ ބޭންކު، އެމް.އެމް.އޭއާ އެކުވެސް މަސައްކަތްތަކެއް ކުރަމުންދާކަން މި ބައްދަލުކުރެއްވުމުގައި ވަޒީރުން ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުން ވަނީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް ފުޅާކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި އަދި ކުރިޔަށް އޮތް ތަނުގައި ފެށުމަށް ތައްޔާރުވަމުންދާ އިގްތިސާދީ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ހަމަ އެހެންމެ އެބޭފުޅުން ވަނީ ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ ބޭރުފައިސާގެ ފްލޯއަށް ހީނަރުކަމެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި މިއަހަރު ނިމޭއިރު އިގްތިސާދީ ގޮތުން ހުރި ދަތިތައް ހައްލުވެ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ވެސް ކުރިއެރުން ހޯދާނެކަން ފާހަގަކުރައްވާފައެވެ.