ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް މި ސަރުކާރު ނުނިންމަވާނެ ކަމަށާއި، ބޭންކުން ޑޮލަރު މުއާމަލާތް މެދުކަނޑާލަން ނިންމައި ގެންނާން އުޅުނޯ ބަޣާވާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން ކާޑުތަކުން ޑޮލަރު ލިމިޓު ކަނޑައިލިކަން ހާމަކުރި ވަގުތު އިދިކޮޅު އެމްޑީޕީން ވަނީ ގައުމުގެ މާލީ ހަލާތާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އިދިކޮޅު އެކި ފަރާތްތަކުން ރައްޔިތުން މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ޣައިރު ގާނޫނީ ކޮށް ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރި ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެ މައްސަލަ ތަހުގީގު ކުރަންވެސް  ފަށާފައެވެ.

ޕީއެންސީގެ ރަސްމީ ޖަގަހަ ”ހައުސް އޮފް ޕީއެންސީ“ގައި މިރޭ ބޭއްވި ޖަލްސާގައި،  ރައީސް މުއިއްޒު ވިދާޅުވީ ބީއެމްއެލްގެ ބޯޑުން އެ ނިންމުން ނިންމާފައިވަނީ އެގޮތަށް އެކަން ނުކުރުމަށް ސީދާ އެމަނިކުފާނު އިރުޝާދު ދެެއްވާފައި ވަނިކޮށް ކަމަށެވެ.

އަދި ޣައިރު ގާނޫނީ ކޮށް ސަރުކާރު ބަދަލު ކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވުމަށް ގާނޫނު އަސާސީން ލިބިދޭ ފުރިހަމަ ބާރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް މަސައްކަތް ކުރި. މިއީ ރޭވިގެން ހިނގި ކަމެއް. ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ މި ހުރިހާ ޑޮޓްތަކެއް ގުޅިގެން ދާކަން އިނގޭނެ.“
ރައީސް ޑރ. މުހައްމަދު މުއިއްޒު

އަދި އިދިކޮޅުން މިކަން ކުރަން މަސައްކަތް ކޮށްފައިވަނީ އަވަށްޓެރި ބައެއް ގައުމުތަކުގެ މިސާލު ދައްކައި ރައްޔިތުންނަށް ހިތްވަރު ދީގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ ތެރެއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

އަދި ތަހުގީގަށް ލިބެމުންދާ ކުރިއެރުން އާންމުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމަށާއި މިނިވަން ކަމާއެކު މި މައްސަލަ ބަލައި، ކޮންމެ މީހަކު ކުށްވެރިވެ ހުކުމެއް އައި ނަމަވެސް އެކަމެއް ތަންފީޒު ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.