މި ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ބަޔަކީ ޒުވާނުންނަށްކަމަށާއި، ޒުވާނުން ބާރުވެރިކުރުމަށާއި ޒުވާނުންނަށް އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ މައި ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެގޮތުން ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މެނިފެސްޓޯގެ ބޮޑުބައެއް ޚާއްޞަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރައްވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ރައްޔިތުންނަށް ހަގީގީ މާނައިގައި އާމްދަނީ އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަމާއި، ޑޮލަރު އިތުރުކުރުމަށާއި ރެވެނިއު އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ”ކޮންމެ ހިނދުކޮޅެއް މި ސަރުކާރުން ހޭދަކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން“ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މުހިންމު ބަދަލުތަކެއް އެމްއެމްއޭގެ ރެގިއުލޭޝަންތަކަށް ގެންނެވުމަށް ނިންމަވާފައިވާކަން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ.

އަދި މި ބަދަލުތައް ގެނައުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާ އެމަނިކުފާނު ވިދާޅުވީ ”ބްލެކް މާކެޓް“ ގައި ފައިސާ މާރުކުރުން މަދުކުރެވި ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވިގެން ދާނެކަމުގައެވެ.

މީގެ އިތުރުންވެސް ބޮޑަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ’ކޯޕަރޭޓް އިންކަމް ޓެކްސް‘ ދެއްކުމުގައި ޑޮލަރުން ޓެކްސް ދެއްކުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ދީނީކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބަވަނަވަމުންމިދާ ދުނިޔޭގައި ފެންނަމުންދާ އިސްލާމް ދީނާ ޚިލާފު އޮއިވަރުތަކުގައި ދަރިން ނުޖެހި ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އަދި ޖުޑިޝަރީއިން މިނިވަންކަމާއެކު މައްސަލަ ބަލައި ހުކުމެއް އައިސްފިނަމަ އެ ހުކުމް ތަންފީޒުކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.