ޕްރޮސެކއުޓަރ ޖެނެރަލް(ޕީޖީ)ގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށެވެ.
އަދި މި މަގާމަށް އެދި ހުށަހަޅާ ފޯމާއި އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަންނާނީ މި އަންނަ މަހުގެ 10 އަށި 11 ވަނަ ދުވަހުގެ ހެނދުނު 8:30 މެންދުރު 12 ޖެހުމުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ގެޒެޓުކުރި އިއުލާނުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ، ފޯމާއި އިގްރާރު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކަށް ބަލާއިރު:
މުސްލިމަކު ކަމުގައިވާއި ދިވެއްސަކަށްވުން. އަދި އުމުރުން 25 އަހަރުވެފައިވުން.
އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް, ހިޔާނާތުގެ ކުށެއް, ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ އެ ފަދަ ހަރަކާތެއްގައި އުޅޭ މީހަކަށް ނުވުން.
ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުން.
އެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
ޕީޖީގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް, ޕާޓްނާޝިޕެއް ނުވަތަ އެ ނޫންވެސް އެފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކަށް ނުވުން.
ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
ޕީޖީގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުންނެވެ.
އޭރުގެ ޕީޖީ ޝަމީމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް އޮތީ ކުރެވިފައެވެ.

