މާލީ ބަޣާވާތް ގެންނާން އުޅުނު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ސީއީއޯ އިސްތިއުފާ ދ‏‏ެއްވަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ދިވެހި އެތައް ރައްޔިތެއްގެ ހައްގު މިއަދު ބޭންކް އޮފް މޯލްޑިވްސްގައި އޮތް ކަމަށެވެ.
ބީއެމްއެލްއަކީ ގައުމީ ބޭންކު ކަމަށާއި ދިވެހި ރައްޔިތުން އެ ބޭންކަށް ކޮންޓްރިބިއުޓު ކުރާތީ ބީއެމްއެލްގެ ޒިންމާތަކެއް އޮންނަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބީއެމްއެލްއަށް ރައްޔިތުންގެ ކަރުގައި ހިފިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

“ރައްޔިތުން އޮންނަނީ އެކާޑަށް ބަރޯސާ ވެފައި. ކިޔަވާ ކުދިން އޮންނަނީ އެކާޑަށް ބަރޯސާވެފައި. ކުދި ވިޔަފާރިތައް ކުރާ ފަރާތްތައް އޮންނަނީ އެކާޑަށް ބަރޯސާވެފައި. އެގޮތަށް އިރު އަރާފައި ސަރުކާރުގެ ނުރުހުމާ އެކީގައި އެފަދަ ފިޔަވަޅެއް އެޅިގެން ނުވާނެ. އެއީ ބަޣާވާތުގެ ބައިވެރިން.”

ޝިިޔާމް ވިދާޅުވީ މިއަދު ބީއެމްއެލްގެ ބޯޑުގައި އެ މެންބަރުން ތިއްބަވާނެ ކަމެއްނެތް ކަމަށާއި އެ ބޭންކުގެ ސިއީއޯވެސް ޖެހޭނީ އިސްތިއުފާ ދޭން ކަމަށެވެ.

މިހާ ބޮޑު ގެއްލުމެއް ދިވެހިގައުމަށާއި ދިވެހި ރައްޔތުންނަށް ދޭން މަސައްކަތް ކުރި ފަރާތަކަށް މިއަދު ބީއެމްއެލްގެ އެންމެ މަތީ މަގާމުގައި ހުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ބީއެމްއެލް އިން ރުފިޔާ ކާޑުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް މެދުކަނޑައިލަން ނިންމުމާއެކު އެމްޑީޕީން ޕްރެސް ކޮންފަރެންސްއެއް ބާއްވައި، ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލަމުން ދިޔަ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

 

ަ