ަހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމުކަމާއި އާމްދަނީ ހޯދުން އިތުރުކޮށް، ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލު ގެނެވޭނެފަދަ އިސްލާހުތަކެއް ގެނައުން މުހިންމު ކަމަށް މަޓާޓޯއިން ބުނެފިއެވެ.

މަޓާޓޯއިން މިހެން ބުނީ ސަރުކާރުން މާލީ ސިޔާސަތުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދުކުރާކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ޒަމާނުއްސުރެ ބޭނުންވެފައިވާ މި އިސްލާޙްތަކަށް މިވަގުތަކީ ވަރަށް މުހިންމު ވަގުތެއް ކަމަށާއި، ސަރުކާރުގެ މާލީ މަގްސަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް މަޓާޓޯއިން ބުނެއެވެ.

”ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސްލަޙަތު ޙިމާޔަތްކޮށް، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ގޮތަކަށް ޖީ.އެސް.ޓީ ނެގުމުގެ ސިޔާސަތުތަކަށް ގެނެވޭ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް މަޓާޓޯއިން އަބަދުވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންގެންދާނެއެވެ.“ މަޓާޓޯއިން ބުންޏެވެ.

އަދި މި މުހިއްމު ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯއިން ބުނީ، ޑޮލަރުން ޓެކްސް ނެގުމާއި، އެއްވެސް ވަރަކަށް ދެކޮޅު ނޫންކަމަށާއި މިކަމުގައި އަމާޒަކީ މި އިސްލާހުތައް ތަންފީޒު ކުރެވިގެން ދާއިރު އެއީ ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ކަންކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ބެލުން ކަމަށެވެ.

”ޑޮލަރުން ލިބޭ އާމްދަނީއިން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އިގްތިސާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ޤަބޫލުކުރެވެއެވެ.“ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތު ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ދުރު ވިސްނުންފުޅަށް ފުރިހަމައަށް ތާޢީދުކުރާކަން މަޓާޓޯއިން ވަނީ ޔަގީންކޮށްދީފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހަރަދުކުޑަކޮށް، ޚަރަދުތައް ސަލާމަތްކުރުމަށްޓަކައި ފިޔަވަޅުތައް ތަޢާރަފްކުރުމުގެ މަގްސަދުގައި، ފުޅާ ދާއިރާއެއްގައި މާލީ ސިޔާސަތުތައް އިސްލާހުކުރުމުގެ އެޖެންޑާއެއް ތަންފީޒު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަޅުގަނޑުމެން ތާއީދު ކުރާ ކަމަށް ވަނީ ބުނެފައެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތާއި، މުޅި ގައުމުގެ ކުރިއެރުވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.