ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަކީ ކޮންކަހަލަ ބޭފުޅެއްކަން ރައްޔިތުންނަށް މިހާރު ވަޒަން ކޮށްލަން އެނގޭނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ ސަންގު ޓީވީއަށް ވަކިން ދެއްވި ބަސްދީގަތުމެއްގައެވެ.

”ރައްޔިތުންނަށް މިއަދު ވަޒަންކޮށްލަން އެނގޭނެ ޔާމީނަކީ ކޮން ކަހަލަ މީހެއްކަން، އަމިއްލަ އެދުން ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ނެތްކަން.“ އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އަކީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި، އެ ނޫން އެހެންކަމެއް ނެތްކަމަށެވެ.

”އެހެންވެސް މީހަކީ، މީހެއް ނޫންކަމަށް ދެކެނީ.. ޔާމީނަށް ނޫނީ އިގްތިސާދެއް ނޭނގޭ، ޔާމީނަށް ނޫނީ ގައުމެއް ހިންގަން ނޭނގޭ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެ ގެކޮޅު ހަދަމުންދަނީ ކޮންގޮތަކުން ހޯދި ފައިސާއަކުންތޯ ވެސް އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، އެކައުންޓުގައި އެތައް މިލިއަން ރުފިޔާއެއް ހުރިކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކެމްޕެއިން ކުރެއްވީ ވެސް ދަރަންޏަށް ފައިސާ ނަންގަވައިގެން ކަމަށް ވެސް ވިދާޅުވިއެވެ.