ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް)ގެ ގާނުނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއު އަންނަ ނޮވެމްބަރު މަހުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއު އަކީ 150 މެގަވޮޓްގެ އަވިން ހަކަރަ އުފައްދާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުއެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިމަޝްރޫއުގެ ލައިސެންސް އޮކްޓޯބަރު މަހު ދޫކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މި މަޝްރޫއުގައި ތަރައްގީ ކުރަނީ 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޯލްޓައިކް(ޕީވީ) ނިޒާމެކެވެ. މިއީ ކަނޑުގެ ސަތަހައިގައި، ފެނުންމަތީގައި ބަހައްޓާ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ.
ރާއްޖެއިން ބޭރު ފައިސާ އެންމެ ގިނައިން ހޭދަކުރަނީ ތެޔޮގަތުމަށްކަން ފާހަގަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން 500 މިލިޔަން ޑޮލަރާއި 600 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް ތެޔޮ ގަތުމަށް ހޭދަ ކުރާއިރު އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއުއާއެކު ތެޔޮގަތުމަށް ކުރާ ހޭދައިގެ ބޮޑުބައެއް ސަލާމަތްކުރެވޭނެކަމަށެވެ.
މިމަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ މަޝްރޫއުއަށް ބޭނުންވާ ދިރާސާތައް ހެދުމުގެ މަސައްކަތެވެ.
އަދި ތަފްސީލީ ކުރެހުންތަކާއި ސްކޯޕް ތައްޔާރުކުރުމުގެ މަސައްކަތްތައް ވެސް މީގެތެރޭގައި ހިމެނެއެވެ.

