ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އާއްމު ކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރު، ޕަބްލިކް ރިލޭޝަންސް، ހަސަން ޝަހީދު ވިދާޅުވީ، ހިޔާގެ 13 ޓަވަރެއްގައި، ޖާގަ ތަނަވަސް އިތުރު ދެ ލިފްޓު ހަރު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ބާކީ 03 ޓަވަރުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާ ޓަވަރުތަކުގައި އަލަށް ގާއިމު ކުރަނީ 15 މީހުންގެ ޖާގައިގެ ލިފްޓުތަކެކެވެ. ބަލި މީހުންގެ ސްޓްރެޗަރ ވެސް އެރުވޭ ގޮތަށް ހަދާ މި ލިފްޓުތައް، ލޮލަށް ފެނުމުން މަހުރޫމް ވެފައިވާ މީހުންނަށް ވެސް މީހެއްގެ އެހީއާ ނުލައި ބޭނުން ކުރެވޭނެއެވެ.

އެޗްޑީސީގެ އަމާޒަކީ، އަންނަ އަހަރު މި މަޝްރޫއު އެއްކޮށް ނިންމާލައި، ހިޔާ ސަރަހައްދުގައި އުޅޭ އެންމެހައި ރައްޔިތުންނަށް އައު ލިފްޓުތައް ބޭނުން ކުރެވޭނެ ގޮތް ހެދުމެވެ.