އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ގާއިމުކޮށްފައިވާ ”އިމިގްރޭޝަން ވޮޗް“ އަށް 473 މައްސަލަ ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ވޮޗް ޖުލައި މަހުގެ 17ވަނަ ދުވަހު އިފްތިތާހުކުރި ފަހުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 473 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެތެރެއިން 369 މައްސަލަ އިމިގްރޭޝަނުން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ކަށަވަރު ކުރަމުންދާ މައްސަލަތަކުގެ އަދަދު 82 އަށް އަރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ އިދާރާއާ ނުގުޅޭ 22 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
އިމިގްރޭޝަން ވޮޗަކީ އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރުމަށް އާންމުންނަށް ފުރުސަތު ލިބޭ ގޮތަށް އެކުލަވާލާފައިވާ ޕްލެޓް ފޯމެެކެވެ.
މިޕްލެޓްފޯމުގައި ކޮންމެ މީހަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތު ރިޕޯޓް ކުރެވޭނެއެވެ.
ޕްލެޓްފޯމް މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބެއެވެ.

