ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން މިހާތަނަށް ސްޓެލްކޯ އިން 30،000އަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން އަންނަނީ ފަސް އަހަރުތެރޭގައި ފަސް ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލުވާން މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެ ކުންފުނިން ވަނީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ކ. ތުލުސްދޫ އާއި ސްޓެލްކޯއިން ހިދުމަތްދޭ އެހެން ރަށްރަށުގައި ޖުމުލަ 21،007 ގަސް އިންދާފައެވެ.

އަދި ކ. ދިއްފުށީ އާ އިންޖީނުގޭގެ މަސައްކަތް ކޮށްޓްރެކްޓަރާއި ހަވާލު ކުރުމަށާއި އާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގައި 1000 ގަސް އިންދާފައިވެއެވެ.

އަދި ސްޓެލްކޯއިން ހިދުމަތްދޭ އެކި ރަށްރަށުގައި  މިހާތަނަށް ޖުމްލަ 8364 ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

 

ކުރިއަށް އޮތް ތަނުގައި ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ކޮންމެ މަހަކުވެސް ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނެއެވެ.

އެ ކުންފުނިން މިހާތަނަށް ޖުމްލަ 30،371 ގަސް ވަނީ އިންދާފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމް ރައީސް ޑރ.މުއިއްޒު އިއުލާނު ކުރެއްވީ ނިމިދިޔަ ޑިސެމްބަރ މަހުގައި އޮތް “ކޮޕް28”ސަމިޓު ގައެވެ.