ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް މި ހަފްތާގައި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ގައި ސައީދު ވިދާޅުވީ އެ ބޭންކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޭންކްގެ ފެސިލިޓީތައް އެއްކޮށް ނިންމާލެވޭ ކަމަށެވެ.

”އަޅުގަނޑުގެ އުއްމީދަކީ ރައީސްގެ މި ވިޝަން ހާސިލުކުރުމަށްޓަކައި މި ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ލައިސަންސް ލިބުން“ މިނިސްޓަރު ވިދާޅުވިއެވެ.

އެ ބޭންކު މެދުވެރިކޮށް ކުރިމަގުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީކުރަން ބޭރުގެ ބޭންކުތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދޭނެ ކަމަށާއި އޭގެ ސަބަބުން ރިސޯޓުތަކުގެ ދިވެހިންގެ އަތްމައްޗަށް އަންނާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ޑޮވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވެއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ވާނީ ރާއްޖޭގެ އިންވެސްޓްކުރާނެ ފަރާތްތަކަށް ހަބެއް ގޮތުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ އެ ބޭންކު އުފެއްދުމަކީ ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް އިގުތިސޯދު ޑައިވާސިފައިކޮށް އިގުތިސޯދު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ކަނޑައަޅައިވާ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ.