ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ ހަރަކާތެއް މިއަދު ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ.
މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެއެވެ.
52 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ މަގްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އެގޮތުން މި ހަރަކާތުން ހޯދޭ މައުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 3000 ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފައެވެ.

