ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރެއްވި ތިންވަނަ ނުރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްހީ ފަރުވާ ހޯއްދެވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ މި އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ގައެވެ.