ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން މަސައްކަތް ދަސް ކުރުމަށް ހޭދަކުރާ ކޮންމެ ދުވަހަކަށް، އެ މީހުންގެ ހުކުމުން ދުވަހެއް އުނިވާނެގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މާފުށީ ޖަލުގައި ގާއިމްކުރި ”ދިވެހި ސަގާފީ ގޯތި“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
”ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު، އެއީ އެ މީހާ އިލެކްޓްރިކަލް އިންޖިއަނިރިންގެ ދާއިރާއިން ކަމުގައި ވީނަމަވެސް، ރޭނުމުގެ ދާއިރާއިން ވިޔަސް ސަގާފީ މަސައްކަތުގެ ދާއިރާއިން ވިޔްސް، މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކީ އެއީ ޖަލުހުކުމުން އެއް ދުވަސް ކެނޑިގެންދާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން،“ އިހުސާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލުތައް ގެންނަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ހަރުދަނާ ގޮތެއްގައި މިކަން ތަންފީޒުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސްގެ ވިސްނުންފުޅަކީ ޖަލުގައި ގައިދީން ހޭދަކުރާ މުއްދަތުގައި މަސައްކަތެއް ދަސްކޮށްގެން އާމްދަނީ ލިބޭނެ މަގެއް ހޯދާ، މުޖުތަމައަށް އަނބުރާ އަވަހަށް ނުކުމެވޭނެ ބަޔަކަށް ގައިދީން ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖަލުގައި ތައްޔާރުކުރާ ތަކެތި ޖަލުގެ އެތެރޭގައި އަދި އެއާޕޯޓުގައި ފަތުރުވެރިންނަށް ވިއްކޭނެ މަގުވެސް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

