ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް މުއިއްޒު މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން‘ އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ލޭނު މަސްވެރިކަމަށް ހުޅުވާލުން މުރާޖާ ކުރުމަށް ގޮވާލައި ތިމާވެށި ހިމާޔަތް ކުރުމާއި މަސްވެރިންނާއި މަސްވެރިކަމުގެ ހައްގުގައި ވަކާލާތުކުރާ 18 މަދަނީ ޖަމިއްޔާއަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކޮށްފައެވެ.

މި ކަންބޮޑުވުންތަކުގެ އަޑު އެއްސެވުމަށް ސަރުކާރުން ނިންމެވިއިރު، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށް ރައީީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.