ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
މި ޕާކިން ބިލްޑިންތަކަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި، ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަދި އެ ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށެވެ. ނަމަވެސް، އެޗްޑީސީން ބުނިގޮތުގައި އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެއެވެ.
އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ސެޕްޓެމްބަރު 16، 2024 ގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަންވާނެ ކަމަށެވެ.
އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، smartcity@hdc.mv އަށެވެ.
މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން https://www.hdc.mv/announcements/ ލިބެން ހުންނާނެއެވެ. އަދި އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

