މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާ ގޮތަށް ރައީސް މުއިއްޒު ހަމަޖެއްސެވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ އަޑުއަހާ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް މިއަދު ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން‘ އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސްއާ ބައްދަލުކުރައްވާނެ ކަމަށެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ހުޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

