ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 2024 އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށް އޮންނަ މުއްދަތަށް ވަނީ ބަދަލު ގެންނަވައިފައެވެ.

އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/100,000(އެއްލައްކަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ހަ މަސްދުވަހުގެ ފަހުން ފައިސާ ދައްކައި ޚަލާސްކުރުމަށް ކުއްޔަށްހިފާ ފަރާތުން އެއްބަސްވާނަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/200,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް މި އިޞްލާހުގައި ކަނޑައަޅައިފައިވެއެވެ.

ހަމައެހެންމެ، ޓޫރިސްޓު ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން 50 އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތަށްވެސް އިސްލާހު ގެންނަވައިފައިވެއެވެ.

އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައި ވަނީ ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 6  މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރާނަމަ، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި -/5,000,000 އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށެވެ. އަދި 6 މަސްދުވަހަށްފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ، ފީ އެއްގެ ގޮތުގައި -/10,000,000 އެމެރިކާ ޑޮލަރު އެއްފަހަރާ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމުގެ ގާނޫނުގެ (މ) ގެ (5) ވަނަ ނަންބަރާއި، 16-16 ވަނަ މާއްދާ (ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް ކުއްޔަށްދީ ހިންގުން) ގެ (ބ) އަށް ގެނެވުނު އިޞްލާޙަށް ބަލާއިރު، އެ އިޞްލާޙަށްފަހު ކުއްޔަށްދޫކުރާ މުއްދަތު އިތުރު 49 އަހަރަށް ދެން އިތުރުކުރެވޭނީ، މުއްދަތު އިތުރުކުރުމަށް މިހާރު ކަނޑައަޅައިފައިވާ -/5,000,000 (ފަސްމިލިއަން) ޑޮލަރު ދެއްކުމުގެ އިތުރުން، ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ، އެ ދައްކައި ޚަލާސްކޮށްފައިވާނަމައެވެ.

ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.