މުލިއާގޭގައި ކަރޯކޭ ސިސްޓަމެއް ހުންނަ ކަމަށް ބުނެ ފެތުރި ވާހަކަތައް ރައީސް ޑރ.މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.
ސަންގު ޓީވީ އަށް ރައީސް ޑރ. މުއިއްޒު މިއަދު ދެއްވި ބަސްދީގަތުމެއްގައި މުލިއާގޭގައި ކަރޯކޭ އަށް ހާއްސަ ތަނެއް ހުންނަ ވާހަކަ ދެކެވިފައިވާތީ، އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުލިއާގޭގައި ކަރޯކޭގެ އެއްވެސް ކަމެއް ނުހުންނާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު އެކި ކަހަލަ ގޮތް ގޮތަށް މީހުން ދޮގު ހަދަމުން އަންނައިރު، މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ އެކަމަކު އެއީކީ ހަގީގަތެއް ނޫން. އެއީ އެއްވެސް ވަރެއްގެ ތެދެއް ހިމެނޭ ވާހަކައެއް ނޫން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަރޯކޭ ސިސްޓަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ފަތުރަމުންދިޔަ ވާހަކަތައް އިވިވަޑައިގެން، އެމަނިކުފާނު ހުންނެވީ ހައިރާންވެވަޑައިގެންފައި ކަމުގައެވެ.

