އެއްވެސް މީހަކާ ދިމާލަށް ބޭއަދަބީ އެއްޗެއް ވިދާޅުނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު އެއްވެސް މީހަކާ ދިމާލަށް ބޭއަދަބީ ބަހެއް ވިދާޅުނުވާނެ ކަމަށާއި އެއީ ގަބޫލު ކުރެއްވޭ ހަމައެއް ނޫން ކަމަށެވެ.
އަދި ކޮންމެ މީހެއްގެ ވެސް އިންސާނީ ކަރާމާތް އޮންނަން ވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު، ސޯޝަލް މީޑިއާ އާއި، ބައެއް މީޑިއާތަކާއި ސިޔާސީ ޕޯޑިއަމްތަކުގައި ރައީީސް މުއިއްޒުއަށް ނިސްބަތްކޮށް ތަފާތު އެކި ވާހަކަތައް ދަނީ ފަތުރަމުންނެވެ.
ރައީސް ވިދާޅުވީ، މިކަމާ ގުޅިގެން އެމަނިކުފާނު އިސް ކުރައްވަނީ ކެތްތެރިކަން ކަމަށެވެ.
”އަޅުގަނޑު އަމިއްލަ ނަފްސަށް އިތުބާރު ކުރަން. ކެތްތެރިކަން އިސް ކުރަން. ރިވެތި އަހްލާގު އިސް ކުރެވޭތޯ ބަލަނީ. މީހަކު ކިޔާހާ އެއްޗަކަށް ޖަވާބު ދޭން ވެއްޖެއްޔާ ދެން ނެތެއްނޫންތޯ، އަޅުގަނޑު، އެހެންކަމެއް ކުރާނެ ވަގުތެއް.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހަގީގަތަކީ ވަރަށް ސާފުކޮށް ފެންނާން އޮތް އެއްޗެއް ކަމަށާއި، ދޮގު ހަދައިގެން ހަގީގަތް އޮޅުވައިލަން މަސައްކަތް ކުރެވިދާނެ ކަމަށެވެ.
އެހެންނަމަވެސް ހަގީގަތް ހާމަވާ ދުވަހު ލިބޭ ފޮނިމީރުކަން މާ ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

