ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ އާރުލާ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ގައުމަށް ބޭނުންވާކަމަށެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިން ބުނެފައިވަނީ މާމަ، ކާފަޔާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދީ، މާމަ، ކާފައާއި ދަރިން އަދި ޢާއިލާގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމާއި، އެ ދެފަރާތަށް ރައްކާތެރި މާހައުލެއް ތަނަވަސް ކޮށްދީ، ޅަ ކުދިންނާއި، ޒުވާނުން މާމަ، ކާފައިންނަށް އިޙްތިރާމްކުރުމާއި އަޅާލާ މިންވަރު އިތުރުކުރުމަކީ ކުރުން މުހިންމު ކަމެއް ކަމަށެވެ.
އަދި މާމަދަރިންނާއި ކާފަދަރިންގެ ހިތްތަކުގައި މާމަ ކާފައަށް ލޯތްބާއި އިޙްތިރާމް ޢާއިލާތެރެއިން އަށަގަންނަވައި، އެމީހުންނަށް ލޯތްބާއި އަޅާލުން ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހެދުމަށް އެދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

