އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ހަތީބުން ޕްރޮގުރާމްގެ ދެވަނަ ބެޗުގައި ހަތީބުކަމުގެ ސަނަދު ހާސިލްކުރި 209 ހަތީބުންނަށް ސަނަދު އަރުވައިފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ހަތީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހް މުހައްމަދު ލަތީފް އާއި ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު އަދި ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިނެވެ.

ޒުވާން ހަތީބުން ޕްރޮގުރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގުރާމު ފުރިހަމަ ކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީންކުރުން ކަމަށެވެ.