ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާއި ގުޅޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރީޖަނަލް އެއާޕޯޓްސް، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން ނުވަތަ އެމްއޭސީއެލްއާ މާޖްކޮށް އެކީގައި ހިންގޭނެ ގޮތްތަކާމެދު ކެބިނެޓްގައި މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުން ނުވަތަ ދެ ކުންފުނި މާޖްކުރުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ދެ ކުންފުނި އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާނެ ކަމަށާއި އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ
ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވައިފައެވެ.

