ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ) އަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ސަބްސިޑިއަރީ ކުންފުންޏަކަށް ހެދުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ނިންމެވުމާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިގޮތަށް ނިންމެވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކުންފުނިތައް ރިފޯމް ކުރުމަކީ ރައީީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ވައުދުފުޅެއް ކަމަށެވެ. ސައީދު ވިދާޅުވީ އެއްގޮތް މަސައްކަތްތަކެއް ކުރާ ކުންފުނިތައް ވަކިން ހިންގުމުން ހިނގާ ހަރަދު ބޮޑުވާ ކަމަށެވެ.
އެޗްޑީސީގެ ސަބްސިޑިއަރީއަކަށް އެފްޑީސީ ބަދަލު ކުރުމަށް ނިންމެވި ނިންމެވުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވީ އެފްޑީސީން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ގޮތަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، އެކަން ކުރާނީ، އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތަށް ކަމަށެވެ.
”އެފްޑީސީން އެޗްޑީސީގެ ސަބްސިޑިއަރީއަކަށް ވުމަށްފަހު، ސޯޝަލް ހައުސިންގަ މަސައްކަތް ކުރާނީ އެފްޑީސީން. އެހެންނަމަވެސް އެޗްޑީސީގެ ސަބްސިޑިއަރީއެއް ގޮތަށް.“ ހައިދަރު ވިދާޅުވިއެވެ.
އަދި އެޗްޑީސީން ވެގެންދާނީ، ސަރުކާރުން ތަރައްގީ ކުރާ އާބަން ސެންޓަރުތަކުގެ ޑިވެލޮޕަރއަކަށް ކަމަށާއި، އެއާއެކު މުޅި ރާއްޖޭގައި ވެސް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ކުންފުންޏަކަށް އެފްޑީސީ ވެގެންދާނެ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.

