ރައީސް ޑރ.މުހައްމަދު މުއިއްޒު ގެދޮރުވެރިކަމާ ބެހޭ އެކި އެސޯސިއޭޝަންތަކާ މިއަދު ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީީސް އޮފީހުން އާއްމު ކުރެއްވި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު މިއަދު ފަހި ޔޫނިއަންއާއި، ގިރާވަރު، މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީއާއި މާލެ ރަށްވެހިންގެ ޖަމުއިއްޔާ އާއި ވެސް ބައްދަލު ކުރައްވަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި އެސޯސިއޭޝަންތަކުގެ މެމްބަރުންނާ އެއްކޮށް ބާއްވަވާ ބައްދަލުކުރެއްވުމުގައި އެ މެމްބަރުންގެ އިހްސާސްތަކާއި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެމަނިކުފާނު ތަނަވަސް ފުރުސަތު ދެއްވަވާނެ ކަމަށެވެ.
”އަޅުގަނޑު ބޭނުންވަނީ މި ހުރިހާ ބޭފުޅުންގެ އަޑު އަހައިގެން، މި ހުރިހާ ޖަމުއިއްޔާތަކަކީ، މި ހުރިހާ ކޮމިޓީތަކަކީ ވަރަށް ގިނަ ރައްޔިތުން ރިޕްރެޒެންޓް ކުރާ ބައެއް. އެބޭފުޅުންނާ ބައްދަލުވެގެން، އަޅުގަނޑަށް އެނގިގެންދާނެ ވަރަށް ގިނަ ކަންތައްތަކެއް.“ ރައީީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި، ގެދޮރުވެރިކަމުގެ ދާއިރާއިން ސަރުކާރުން މިހާރު ކުރަމުންދާ ކަންކަމާއި ކުރިއަށް އޮތް ތަނުގައި ކުރާނެ ކަންކަމާ ގުޅޭގޮތުން ވެސް، ގެދޮރުވެރިކަމާ ގުޅުންހުރި އެސޯސިއޭޝަންތަކާއެކު މަޝްވަރާ ކުރައްވަވާނެ ކަމުގައެވެ.
ކުރީ ސަރުކާރުގައި ”ބިންވެރިޔާ“ ސްކީމްގެ ދަށުން، ނުހިއްކާ ފަޅުތަކުން ދޫކުރި ގޯތިތައް، އެ ތަންތަން ހިއްކައިގެން ދޫކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ހުޅުމާލޭގައި އަލަށް ހިއްކާ ހުޅުމާލެ ފޭސް ތިނަކުން އަންނަ ނޮވެމްބަރު މަހުގައި ގޯތި ދޫކުރެވޭވަރު ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރުން ދިނުމަށް ނިންމި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މުރާޖާ ކުރުމުގެ މަސައްކަތް މިދިޔަ އޯގަސްޓު މަހުގައި ފަށާނެކަން ވެސް މިނިސްޓަރު ކުރިން ހާމަ ކުރައްވައިފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ފްލެޓުތަކުގެ ހައްގުވެރިން ކަށަވަރުކޮށް، އޮކްޓޯބަރު މަހުގައި އެ ތަންތަން ދޫކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވުމެވެ.

