ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއްވިއެވެ.
އަދި އެބޭފުޅުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމުގައެވެ.
އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބީކޭއެމްޔޫ މެންބަރުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތު ދެއްވިއެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާޢަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ.
އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
އަދި އެ ބޭފުޅުންވަނީ ”ފްލޯ ޕްރައިސް“ ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް އާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީކޭއެމްޔޫގެ މެންބަރުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ގެނެވެންހުރި ޙައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

