ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން މުދާ އެތެރެ ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައިކަން ހާމަވާ ގްރެފިކްސްއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އާންމުކުރައްވައިފިއެވެ.

ވަޖީހް އާންމުކުރެއްވި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖެނެރަލް ކާގޯގެ ގޮތުގައި 12،600 ޓަނު އަދި ކޮންޓެއިނާ ކާގޯގެ ގޮތުގައި 5،375 ޓަނުގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޖެނަރަލް ކާގޯ 22 ޕަސަންޓް އަދު ކޮންޓެއިނާ ކާގޯ ހަތަރު ޕަސެންޓު އިތުރު އަދަދެކެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ތަފާސް ހިސާބުތަކުން ފެންނަނީ ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަ މަންޒަރު ކަމަށެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިގްތިސާދީ މަސައްކަތް ފެށުމާ އެކު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑު ކުރިއަރާ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބަށް ބަލާއިރުވެސް މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ދެ ބިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ވަޖީހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތައް، އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެ އަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމަކުން ކަމަށެވެ.

”ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާކަން.“ އޭނާ ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވި ގޮތުގައި، މިއިން ދައްކައި ދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގްތިސާދު ކުރިއަރަން ފަށާފައިވާ ކަމެވެ.

އަދި މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މިސަރުކާރުގެ މުހިންމު ޕްރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.