މި އަހަރުގެ ފުރަތަމަ އަށް މަސްދުވަސްތެރޭގައި ރާއްޖެއަށް 1.35 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާއްމު ކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާ ގޮތުން މިމަދިޔަ އޮގަސްޓްގެ ނިޔަލަށް ރާއްޖެއަށްވަނީ 1359208 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1230081 ފަތުރުވެރިންނާއި އަޅާ ބަލާއިރު %10.4 އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

 ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6378 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަނީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އަންނަނީ ރަޝިއާ ފަތުރުވެރިންނެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ.