ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކަށް އިހުގައި ކުރި އިހްތިރާމު އަލުން ގެންނަން ބޭނުންފުޅުވެލައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާމީ އަހްލާގާއެކު، އިސްލާމީ ދިވެހި އާދަކާދަ ވެސް ދިރުވައި އާލާކުރަން ޖެހޭ ކަމަށެވެ.

”ހިތުދަސްކުރުމުގެ ބަދަލުގައި ޢަމަލުން އެކަން ފެންނަން ޖެހޭ. މިކަމުގައި ވެސް ދިވެހީންގެ ވަރަށް ކައިރި ތާރީޚު ވެސް ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއް. އޭރުގެ ދިވެހީންނަކަށް ސޯނާގަޑިއެއް ނުވަތަ އޮޓޯ އެލާމެއް ބޭނުމެއް ނުވޭ.“ ރައީީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން ފަތިހުގެ މުލުހާލާއި، ކޮވެލީގެ އަޑަށް މުޅިރަށް ތެދުވެ، ފަތިސް ނަމާދުކޮށް މަސައްކަތުގައި ހޭލަމޭލަވެގަންނަ ކަމަށާއި ކާބަފައިން، ދުވަސް ފަށަނީ ފަތިސް ނަމާދުގެ ބަރަކާތުން ކަމަށެވެ.

އަދި ދެން އޮތްބައި ފުރަނީ ދިރިއުޅުމުގެ ހަރަކާތްތަކުގައި ކަމަށާއި ދުވަސް ނިންމަނީ މަޣުރިބް ނަމާދާއި، އިޝާނަމާދާއި ވިތުރިން ކަމަށް ރައީީސް ވިދާޅުވިއެވެ.

”އެ ދެމެދުގައި ހޭދަވަނީ ބުރަ މަސައްކަތާއި، އުފެއްދުންތެރިކަމާއި، ދިރިއުޅުމުގެ ހުރިހައި ޙަޤީޤަތްތަކާ ކުރިމަތިލައި، ވެވޭ މިންނެތް ޖިހާދު.“

ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި، މި ރޫޙު ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވަނީ ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައެވެ.

”މިސްކިތްތަކުގެ ސާފުތާހިރުކަން މިސްކިތަށް އަރާއިރު، އަޅުގަނޑުމެން ތިބޭ ރީތިކަން، އަދި ބޭރު މަގާއި، ހަރިންމަތެރެޔާއެކު ކުނިކަހައި ބެލެހެއްޓުން، މިސްކިތްތަކުގެ އެތެރެ ވަސްމީރު ކުރުވައި، ގެންނަ މާތް އަސަރު. މިހިރީ ދިވެހީންގެ ދިރިއުޅުމުގެ ރީތި އާދަކާދަ. މިއިން ކޮންމެ ކަމެއްގައި ވެސް ދިވެހީންގެ ވަކި އައިޑެންޓިޓީއެއް އެބައޮތް. މިކަންކަން ގެއްލިގެން ގޮސްގެން ނުވާނެ. މިކަންކަން އާލާ ކުރުމުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ހިސާބުން ފަށަމާތޯ؟ ތިމާއަށާއި ތިމާގެ އާއިލާއަށާއި، ރަށްޓެހީންނަށް މަގުދައްކަމާތޯ؟ ހެޔޮ ޢަމަލުތަކުގެ ވިޔަފާރީގެ ހިއްސާގައި އެންމެން ބައިވެރިކުރަމާތޯ؟ ނުވަތަ ބައިވެރިވަމާތޯ؟“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ދިވެހި ގައުމުގެ ގައުމިއްޔަތު ހިމާޔަތްކޮށް އިޔާދަކުރުމަށް ޢަޒުމު ކަނޑައަޅާ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ބާރުއަޅުއްވަމުންނެވެ.