ބޭނުމަކީ ސައްތައިންސައްތަ އިސްލާމީ ޢިލްމީ ކިއްލާއެއްގެ ގޮތުގައި މި ރާއްޖެ ދާއިމަށް ބޭއްވުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، މިއަދު ދެއްވި ތަގުރީރުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ވިދާޅުވިއެވެ.
އަދި ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދީ އެހެންވެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ދައުލަތުގެ ހަރަދުގައި ހައްޖަށް ދިޔުމުގެ ފުރުސަތު، ފަގީރުންގެ މެދުގައި ހުޅުވާލީ އެހެންވެގެން. ކީރިތި ޤުރްއާން ހިތުދަސް ހާފިޒުންގެ އަދަދު މުޅި ރާއްޖޭގައި އިތުރުކުރުމަށްޓަކައި ހާފިޒުންގެ ޕްރޮގްރާމް އިތުރަށް ފުޅާކުރަމުން މިދަނީ ވެސް މި ސަބަބަށްޓަކައި.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޒުވާން ހަތީބުން އުފައްދަމުން، އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައި ތަމްރީނުތައް ދީ، ތާޒާކުރަމުން، އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް އަތޮޅުތަކަށް ފުޅާކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިސްލާމީ ފުން އިލްމުތަކުގެ ފެންއާރުން ދިވެހި ބިމަށް ދިރުން ދިނުމަށްޓަކައި އިސްލާމީ އުންމަތުގެ ބޮޑެތި އެކިއެކި އިލްމުވެރީންގެ ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރެވެމުންދާ ކަމަށާއި އެކަމުގެ ބޭނުމަކީ ސައްތައިންސައްތަ އިސްލާމީ އިލްމީ ކިއްލާއެއްގެ ގޮތުގައި މި ރާއްޖެ ދާއިމަށް ބޭއްވުން ކަމަށް ރައީީސް މުއިއްޒު ވިދާޅުވިއެވެ.