ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރޭ ސެންޓްރަލް ޕާކު ކައިރީގައި އެކްސިޑެންޓު ހިނގީ ބާރަށް ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް، ސައިކަލެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ނިޔާވީ، ސައިކަލު ދުއްވަން އިން ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެކެވެ. އޭނާ ނިޔާވީ، އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމު، ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރޭގެ ހާދިސާގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވަވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވަވައިފައެވެ.
މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
”ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވަން.“ ރައީސް ވިދާޅުވިއެވެ.
މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގަވާފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރޭ ދަންވަރު ހިނގި އެކްސިޑެންޓާ ގުޅިގެން ރާއްޖޭގައި ސްޕޯޓްސް ކާރު ދުއްވުމުގެ ރައްކާތެރިކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

