ރޭ ދަންވަރު ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ލައިސެންސްއެއް ނެތި ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ބާރު ސްޕީޑްގައި ކާރު ދުއްވައިގެން އެކްސިޑެންޓްވި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ވިސާމް ސިދުގީ (26އ)، ވައިލެޓްފެހި/ ސ. ހިތަދޫ ކަމަށެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ވިސާމް ދުއްވި ކާރުގައި ޖެހި، ނިޔާވެފައިވަނީ ލ. އިސްދޫ/ބީޗް ހައުސް، ސަމާހު (23އ)އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ރޭ 02:48 އެހާކަށްހާއިރު ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ވިސާމް ދުއްވި ކާރު، ސަމާހުގެ ސައިކަލުގައި ޖެހިގެންނެވެ. ސަމާހުގެ ފަހަތުގައި އިން މީހާއަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވިއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވަން އިން ކަރެކްޝަންސް އޮފިސަރު ސަމާހު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ސަމާހު ނިޔާވި އެކްސިޑެންޓާ ގުޅިގެން މާލެ ސަރަހައްދުގައި ރޭސް ކާރު ދުއްވާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިކަމާ ދެކޮޅަށް އާއްމުން ދަނީ މީސްމީޑިއާގައި އަޑު އުފުލަމުންނެވެ.